2025 ވަނަ އަހަރުގެ ފުރަތަމަ ދުވަހު، ބަނގުރަލާ އެކު 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި އަދި އޭގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އަޙްމަދު އަނީޝް، ޗާންދަނީގެ/ ހިތަދޫ (22އ)، އިބްރާޙިމް އަކްމަލް އަބްދުލް ސައްތާރު، ހެޕީ ޑްރީމްސް/ ސ.ހިތަދޫ އަދި އިސްމާޢީލް މާޙީން މުސްތަފާ، ގ. ރެއިންބޯ (26އ) އެވެ.
މިމީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާއި ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 3 މީހުން ވެސް ޝަރުޠުތަކަކާއެކު ދޫކޮށްލާފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން ދާކަމަށެވެ.



