މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ކުރިޔާލައި ތައްޔާރުވެ، ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އާންމުންނަށް ގޮވާލައްވާއިފިއެވެ.
މޫސުމާބެހޭ ޤައުމީ މަރުކަޒުން ދެއްވާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އައު އަހަރުގެ ބަންދު ދުވަސްތަކުގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް ވިއްސާރަވެ، ވާރޭވެހުމުގެ ފުރުޞަތު އޮތްކަމަށް އެންޑީއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
މި ޙާލަތާ ގުޅިގެން، ގޭތެރެއަށް ފެންވަދެ، މުދަލަށް ގެއްލުންވުމުގެ ފުރުޞަތު އޮތްކަމަށް ބަޔާންކޮށް، އަގުބޮޑު ތަކެއްޗާއި އިލެކްޓްރޯނިކް ވަސީލަތްތައް ރައްކާތެރި ތަންތަނަށް ބަދަލުކުރުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ބޭނުމެއް ނެތް ހާލަތުގައި އިލެކްޓްރޯނިކް އާލާތްތައް ނިއްވާލުމަށްވެސް ވަނީ އެދިފައެވެ.
މީގެއިތުރުން، އުދައެރުމުގެ ފުރުޞަތު އޮތްކަމަށް ފާހަގަކޮށް، އެކަމަށް ތައްޔާރުވުމަށްވެސް އެންޑީއެމްއޭއިން ވަނީ އާންމުންނަށް ހަނދާންކޮށްދީފައެވެ. އެންމެ ފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި 57 ގެއަކަށް ގެއްލުން ލިބުނުކަމަށް އެންޑީއެމްއޭއިން ހާމަކުރެއެވެ.




