ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް 100،000 ރުފިޔާގެ ފުރުޞަތެއް ހުޅުވާލާފައިވެއެވެ.
ބޭންކުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބީއެމްއެލްގެ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު ބޭނުންކޮށްގެން 200 ރުފިޔާއަށްވުރެ މަތީގެ މުޢާމަލާތެއް ކުރުމުން ފުދޭނެއެވެ. މިފަދަ ކޮންމެ މުޢާމަލާތަކުން ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.
މައިގަނޑު އިނާމުގެ އިތުރުން، ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ 5 ބައިވެރިއަކަށް 1،000 ރުފިޔާގެ އިނާމެއް ލިބޭނެކަމަށް ބޭންކުން ހާމަކުރެއްވިއެވެ. ގުރުއަތުން ހޮވޭ ފަރާތްތަކުގެ މަޢުލޫމާތު ބޭންކުގެ ވެބްސައިޓުގައި ޝާއިޢުކުރުމާއެކު، އެ ފަރާތްތަކަށް ސީދާ އެންގޭނެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ޚިދުމަތް ފޯރުކޮށްދޭ ބޭންކަކީ ބީއެމްއެލްއެވެ. 8،000 އަށްވުރެ ގިނަ ވިޔަފާރިތަކާއެކު މަސައްކަތްކުރާ މި ބޭންކުގެ ކާޑުތައް ބޭރު ޤައުމުތަކުގައިވެސް ބޭނުންކުރެވެއެވެ. ބޭންކުގެ ޚިދުމަތްތަކުގެ ތެރޭގައި ޕާޓްނަރ ވިޔަފާރިތަކުން ދޭ ޚާއްޞަ ޑިސްކައުންޓްތަކާއި، އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް ލިބޭ އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ.
މީގެ އިތުރުން، ކްރެޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކަށް ރިވާޑް ޕޮއިންޓް ލިބުމުގެ ފުރުޞަތު އޮވެއެވެ. މި ޕޮއިންޓްތައް ބޭނުންކޮށްގެން އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގ، ކާރު ކުއްޔަށް ހިފުން، އަދި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓް ކާޑު ހޯދުމުގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރުވެސް ލިބެއެވެ.
ބީއެމްއެލްގެ ކާޑަށް އެދި ހުށަހެޅުމަށް ބޭންކުގެ މޮބައިލް ބޭންކިންގ އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެކަމަށް ބޭންކުން އަންގާފައިވެއެވެ.



