ޔަހޫދީ އިޒްރޭލުން ޣައްޒާގެ ”ރައްކާތެރި“ ސަރަހައްދުކަމަށް ފާހަގަ ކޮށްފައިވާ ”އަލް މަވާސީ“ ސަރަހައްދަށް ބޮން އަޅައި 11 މީހަކު މަރާލައިފިއެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ އަލް މަވާސީ ސަރަހައްދަށް އިޒްރޭލުން ރޭގެ ވަގުތެއްގައި ބޮން އަޅާފައިވާއިރު މިދުވަސްކޮޅަކީ ފަލަސްތީނަށް ވެސް ފިނި މޫސުނުމުގެ ދުވަސްވަރު ކަމަށްވެފައި، ބޯވާރެއާއެކު ޣައްޒާގެ މަގުތައް ވެސް ވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން ފިނިން ރައްކާތެރިވާނެ އެއްވެސް ގޮތެއް ނުލިބި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ވަނީ އެމީހުން ތިބި ޓެންޓުތަކުގައި ފެންބޮޑުވުމުގެ ތަކުލީފާވެސް ކުރިމަތިލާން ޖެހިފައެވެ.
ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ބެހޭގޮތުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއިލް ކަޓްޒް ހަމާސް ޖަމާއަތަށް ދިން އިންޒާރެއްގައި ބުނީ، އެ ޖަމާއަތުން އިޒްރޭލަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި އިޒްރޭލުގެ ހައްޔަރީން ދޫކޮށްނުލައިފިނަމަ، މިއަށްވުރެ ބޮޑު އަދި ވަރުގަދަ ހަމަލާއެއް ޣައްޒާއަށް ދޭނެ ކަމަށެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ފިނި މޫސުމުގެ ސަބަބުން ޣައްޒާއިން މިހާތަނަށް ހަތް ތުއްތު ކުއްޖަކު ގަނޑުވެގެން މަރުވެއްޖެ ކަމަށާއި އަވަހަށް ފިނިން ރައްކާތެރި ނުވެވިއްޖެނަމަ މިއަދަދު މާ ލަސްތަކެއް ނުވެ އެތައް ގުނައަކަށް އިތުރުވެދާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.



