ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ބައްލަވަނީ މީހާ އަށް ނޫން ކަމަށާއި އެ މީހަކު ކުރި ކަމަކަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ބައިވެރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޢަބްދުއްރަހީމް ވިދާޅުވީ ރާއްޖެ މި ހިސާބަށް ދިޔައީ ކޮރަޕްޝަން ހިންގި މީހާ އަށް ބަލައިގެން ފިޔަވަޅު އަޅާތީ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅާއިރު، އެއީ ކުރީ ސަރުކާރުގެ އިސްބޭފުޅެއްތޯ ނުވަތަ އެއީ އެ ވަގުތަކު ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ އަރިސް މީހެއްތޯ ބަލާކަށް ނުޖެހޭ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
”ކަން ކުރި މީހާއަކަށް ނޫން ބަލަންވީ، ކުރި ކަމަށް ބަލަންވީ. އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ވާ ގޮތެއް މިއީ ކަން ކުރި މީހާ އަށް ބަލައިގެން ކަންކަން ބަލަން އުޅުން. އެހެން އުޅެން ހަދައިގެން އަޅުގަނޑު މި ދެންނެވި ގޮތަށް އެ ފައިސާތައް ނުހޯދި މިހާ ގިނަ ދުވަސްވީ“ ރައްޔިތުންގެ މަޖިލިހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ޢަބްދުއްރަހީމް ވިދާޅުވީ ކޮރަޕްޝަނާއި އެހެނިހެން ކަންކަމުގެ ތެރޭގައި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަކީ ރައީސް މުޢިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށެވެ.




