މާތްވެގެންވާ ޢުމްރާގެ އަަޅުކަމަށް ދިޔަ ފަރާތްތަކުން މާދަމާ ރާއްޖެ އެނބުރި އަންނާތީ، މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބާރުބޮޑުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްއިން މިއަދު ބުނީ މާދަމާ ޢުމްރާވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ އެއާޕޯޓުގެ ބޮޑު ސަރަޙައްދަކާއި ޓެކްސީ ކިޔު ސަރަހައްދު ބާރުބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން މާދަމާ އެކި ތަންތަނަށް ފުރާ ފަރާތްތަކުން އެންމެ މަދުވެގެން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފައިވެއެވެ.
މީގެއިތުރުން ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުން، އެއާޕޯޓަށް މީހުން ގެނައުމަށާއި އެއާޕޯޓުން މީހުން ގެންދިޔުމުގެ ޚިދުމަތް ވީހާވެސް ފުޅާކޮށް ދިނުމަށް ވެސް އެމްއޭސީއެލް އިން އިލްތިމާސް ކޮށްފައިވެއެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ މާދަމާ އެންމެ ބާރުބޮޑުވާނެ ގަޑިތަކަކީ
° ހެނދުނު 9:00 – 6:00 އަށް
މިވަގުތުގައި 618 ޢުމްރާވެރިންނާއެކު މުޅިއަކު 2678 މީހުން އަންނާނެ ކަމަށް ބެލެވޭ.
° މެނަދުރުފަހު 16:00 – 14:00
މިވަގުތުގައި 452 ޢުމްރާވެރިންނާއެކު 2071 މީހުން އަންނާނެ ކަމަށް ބެލެވޭ.
މާދަމާ އެއާޕޯޓުން ފުރާނެކަމަށް ބެލެވެނީ 1091 މީހުން ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.



