އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ފެން ހިންދާ ޕަމްޕްތައް މާލެއަށް ގެންނަކަމަށް ބުނެ ދެކެވޭ ވާހަކަތައް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދޮގުކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރެވިފައެވެ. މި މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.
ވިއްސާރަ މޫސުމުގައި އައްޑޫގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. ނަމަވެސް، މި ނިޒާމުގެ ޕަމްޕްތައް މާލެއަށް ގެންދަން އުޅޭކަމުގެ ޚަބަރު ފެތުރެމުންދާތީ، ވަޒީރު ޑރ. މުއްޠަލިބް ވަނީ މިކަން ދޮގުކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ފެން ހިންދާ ނިޒާމުގެ މަސައްކަތް ނުނިމޭ ކަމަށާއި، ޕަމްޕް ސްޓޭޝަންތަކުގައި ޕަމްޕްތައް ހަރުކޮށް ޓެސްޓުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުން މިވަގުތުވެސް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، ޕަމްޕްތައް ނަގައި މާލެއަށް ގެންނަކަަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.



