ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރަކަށް 2025 ވަނަ އަހަރު ހަދާނެކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ދެއްވައިފިއެވެ.
ސަރުކާރުގެ ނޫސްވެރިކަމުގެ ވަސީލަތަކަށް ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މިވަގުތު މަޖިލީހުގެ ތަޅުމުގައި ވަރަށް މުހިންމު ގާނޫނުތަކެއް އިސްލާހުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ގޭންގު ކުށްތަކާ ބެހޭ ގާނޫނު ހިމެނެއެވެ. މި ބިލުތައް ވީހާވެސް އަވަހަކަށް ފާސްކުރުމަށް މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ ކޮމިޓީތަކުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، 20 ވަނަ މަޖިލިސް ފެށުނުއިރު މާލިއްޔަތު ކޮމިޓީގައި 2،500 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓު ނުބެލި އޮތްކަމަށް ވިދާޅުވިއެވެ. މި ރިޕޯޓުތައް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިންމުމަކީ އެމަނިކުފާނުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ.
”އަޅުގަނޑުގެ އުންމީދަކީ 2025 ވަނަ އަހަރު ވެގެންދިއުން މަޖިލީހުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރަށް,“ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރެވިގެންދާނެ ކަމަށާއި، މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




