މޯލްޑިވިއަން އެއަރލައިންސްއިން އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާ ކިޔުމަށް ބާއްވާ އެއާ ޝޯއާ ގުޅިގެން ޚާއްސަ ފޮޓޯ އަދި ވީޑިއޯ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ނުވަތަ ވީޑިއޯގްރާފަރަކަށް ވާކަށް ނުޖެހޭނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އިން 5:30 އަށް މާލޭގެ އުސްފަސްގަނޑާއި ހުޅުމާލެ ފޭސް 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގައި ބާއްވާ މި އެއާ ޝޯގެ މަންޒަރުތައް ފޮޓޯ ނަގައި ނުވަތަ ވީޑިއޯ ކޮށްގެން މުބާރާތުގައި ބައިވެރިވެވޭނެއެވެ. ބައިވެރިވާ ފަރާތްތަކުން އެމީހުންގެ މަސައްކަތް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަންވާނީ MaldivianAeroAirshow# ހޭޝްޓެގާއެކު މޯލްޑިވިއަންގެ ސޯޝަލް މީޑިއާ އެކައުންޓު ޓެގުކޮށްފައެވެ.
މި މުބާރާތުގައި ވަނަ ހޯދާ ފަރާތްތަކަށް ގިނަ އަދަދެއްގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ފަސްތަރި ރިސޯޓަކަށް ދަތުރެއް، އިންޑިއާގެ ސިޓީތަކަށް ދަތުރުތަކެއް އަދި ރާއްޖޭގެ އެތެރޭގެ ދަތުރުތަކެއް ހިމެނެއެވެ. މީގެ އިތުރުން ހުރިހާ ވިނަރުންނަށްވެސް އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެއެވެ.
މި މުބާރާތަކީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނައުމުގެ އުފާ ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ ޙަރަކާތެކެވެ.




