ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންކުރާ ތަކެތި އެތެރެކުރުން މަނާ ކުރިކަން ރަސްމީކޮށް އަދި އެނގިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްްތު މިނިސްޓްރީން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީއެއްގައި ބުނެފައި ވަނީ ދުންފަތުގެ ބާވަތެއް އުފެއްދުމަށް ބޭނުން ކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓާ ނައްތާލުމަށް އަންގާފައި ކަމަށް ބުނެ މީސްމީޑިއާގައި ލިޔުމެއް އަންނަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އިން ސުވާލު ކުރުމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ ލިޔުމެއް ދައުރުވަމުން އަންނަ ކަމަށާއި އެ ލިޔުމުގެ ސައްޙަކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
”އެއީ ކޮން ފަރާތަކުން ސޮއި ކުރި ލިޔުމެއްކަމެއް އަދި އެނގިފައެއް ނުވޭ. އަދި އެ ލިޔުމުގައިވާ އެއްޗެއް ރަސްމީކޮށް އެނގިފައެއް ވެސް ނުވޭ. މިއީ ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު، މިނިސްޓްރީން އެކަން އަދި އެފަދަ އެންގުމެއް އެންގިކަން ކަށަވަރު ކުރެވިފައެއް ނުވޭ“ އޮފިޝަލު ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތު މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ އެފަދަ އެންގުމެއް އަންގަން ރަސްމީކޮށް ބުނެފައިވާނަމަ އެކަން މިނިސްޓްރީން މީޑިއާތަކަށް ވެސް ރަސްމީކޮށް އަންގާނެ ކަމަށެވެ.




