މާލޭގެ މާފަންނު މަޖީދީމަގުގައި އެސްޓީއޯގެ އައު ފާމަސީއެއް މިއަދު ހުޅުވައިފިއެވެ.
އެސްޓިއޯއިން ހާމަކޮށްފައިވާ ގޮތުގައި މި ފާމަސީއަކީ އެ ސަރަހައްދުގައި ހުރި ގިނަ ކްލިނިކުތަކުން ބޭސް ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ހުޅުވާފައިވާ ފާމަސީއެކެވެ.
ވެލިގާ ހާޑްވެއާއާ ޖެހިގެން ހުރި ކަންމަތީ އިމާރާތުގައި ޤާއިމުކުރެވިފައިވާ މި ފާމަސީއަކީ އެންމެ ޒަމާނީ ފެންވަރުގައި ފަރުމާކުރެވިފައިވާ ތަނެކެވެ. މި ތަނުން ބޭސް ވިއްކުމުގެ އިތުރުން، ހޮސްޕިޓަލްތަކާއި ގޭގޭގައި ބޭނުންކުރާ މެޑިކަލް އިކުއިޕްމަންޓްތަކާއި، ހޯމްކެއާ އަދި ޕާސަނަލް ކެއާ ރޭންޖުގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެއެވެ.
ދެ ބުރީގެ މި ފާމަސީގެ މަތީ ބުރީގައި ޚާއްޞަކުރެވިފައިވަނީ އެންމެ ފަހުގެ ޒަމާނީ މެޑިކަލް އިކުއިޕްމަންޓްތަކާއި މެޑިކަލް ކޮންޒިއުމަބަލްސްއަށެވެ. މީގެ އިތުރުން، ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްޞަ ކައުންޓަރެއްވެސް މަތީ ބުރީގައި ޤާއިމުކުރެވިފައިވެއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފާމަސީ ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް ޚިދުމަތް ދެމުންދާނެއެވެ. މި ފާމަސީ ހުޅުވުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސް ލިބުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.



