ސިނގިރޭޓު ހަދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ ކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސިއްޙީ ވުޒާރާގެ އޮފިޝަލަކާއި ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިނގިރޭޓު ހަދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުމަކީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން މަނާކަމެކެވެ.
އެ އޮފިޝަލް އިތުރަށް ވިދާޅުވީ މިއީ ސިއްހީ ވުޒާރާއިން ނިންމި ނިންމުމެއް ނޫން ކަމަށާއި އެ ވުޒާރާއިން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ހުސްވި ނޮވެމްބަރު މަހު ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެކެވެ.. މީގެ އިތުރުން، ދުންފަތް ގަހާއި ދުންފަތުގެ ގަހުގެ އޮށް އަދި ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެހެނިހެން ބައިތައްވެސް ރާއްޖެ އެތެރެކުރުން މަނާކުރެވިފައިވާކަން ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ސިއްހީ ވުޒާރާގެ އިސް އޮފިޝަލު އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި ސިނގިރޭޓު އޮޅުމަށް ބޭނުންކުރާ ކަރުދާހާއި ފިލްޓަރަކީވެސް ދުންފަތުގެ ބާވަތެއް ހަށިގަނޑަށް ވާޞިލުކޮށްދިނުމަށް ބޭނުންކުރާ އާލާތްތަކަކަށްވާތީވެ އެ ތަކެއްޗަކީވެސް ދުންފަތުގެ ބާވަތްތަކެއްކަމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
އެހެންނަމަވެސް މިކަމާއި ގުޅޭ ގޮތުން ސައުވީސްއަށް މައުލޫމާތު ދެމުން ކުރިން އެވުޒާރާއިން ވިދާޅުވީ އެފަދަ ލިޔުމެއް ދައުރުވަމުން އަންނަ ކަމަށާއި އެ ލިޔުމުގެ ސައްޙަކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.އެފަދަ އެންގުމެއް އަންގަން ރަސްމީކޮށް ބުނެފައިވާނަމަ އެކަން މިނިސްޓްރީން މީޑިއާތަކަށް ވެސް ރަސްމީކޮށް އަންގާނެ ކަމަށެވެ.



