ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) މަތިންދާބޯޓުތައް ޖައްސަން އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ.
ފްލައިޓް ރާޑާއިން ފެންނަ މަންޒަރުތަކުން ދައްކާ ގޮތުގައި، ވީއައިއޭ އަށް ލޭންޑްކުރަން ޝެޑިއުލްކޮށްފައިވާ އެތައް ބޯޓެއް ވަނީ ގިނަ ވަގުތުތަކެއް މޫސުން ގޯސްވުމުގެ ސަބަބުން ލޭންޑް ނުކޮށް މަޑުކޮށްފައެވެ. މީގެ ތެރޭގައި ފްލައިޑުބާއީ އަދި ސިންގަޕޯ އެއާލައިންސްގެ އުޅަނދުތައް ހިމެނެއެވެ.
މީގެ އިތުރުން، ގއ. މާމެންދޫ އެއާޕޯޓަށް ޖެއްސުމަށް މަސައްކަތްކުރި ބޯޓެއްވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލޭންޑް ނުކުރެވި މާލެ އައިސްފަ އެވެ.
މޫސުމުގެ ނުތަނަވަސްކަމާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 3 ގެ ނިޔަލަށް ޔެލޯ އެލާޓެއް އިއުލާންކޮށްފަ އެވެ. މި މުއްދަތުގައި އެ ސަރަހައްދުތަކަށް ގަދަ ވާރެއާއި ގުގުރުމުގެ އިތުރުން ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހުމުގެ ފުރުޞަތު އޮތް ކަމަށް މެޓް އިން ވަނީ އަންގާފަ އެވެ.
މޫސުމާވެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މޫސުން ގޯސްވެފައި ވަނީ ސްރީލަންކާގެ ދެކުނު-އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑަކާއި އެއާ ގުޅިފައިވާ ދަށް ޕްރެޝަރގެ ޓްރަފްގެ ސަބަބުންނެވެ. މިހެންކަމުން އެއިދާރާއިން ވަނީ އާންމުންނަށް މޫސުމަށް ސަމާލުވުމަށް ގޮވާލާފައެވެ.




