ރާއްޖެއަށް ކުރަމުންދާށް ކުރަމުންދާ ގަދަ ވިއްސާރައިގައި ށ. ނަރުދޫގައި އާދަޔާ ޚިލާފަށް އުދަ އަރައި، ރަށުގެ ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވެއްޖެއެވެ.
ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދު މަޢުލޫމާތު ދެއްވިގޮތުގައި، އިއްޔެ ރޭ ދިޔަވަރު މަތިވި ވަގުތުގައި ރަށަށް ވަރަށް ބޮޑަށް އުދަ އެރިއެވެ. މީގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެ، ގާތްގަނޑަކަށް 12 ގެއަކަށް ވަނީ ފެން ވަދެފައެވެ.
”މިކަމުގެ ސަބަބުން ގޭގޭގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށާއި، ގިނަ އަދަދެއްގެ ގަސްތަކަށް ގެއްލުން ވެފައިވޭ. ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަން ފާހަގަކުރަން,“ މުސްތަރުސިދު ވިދާޅުވިއެވެ.
ފެން ހިންދުމުގެ މަސައްކަތަށް އެހީތެރިވުމަށް ސިފައިންގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ސަފައިން ދަނީ ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މުސްތަރުސިދު އިތުރަށް ވިދާޅުވީ، މި މޫސުމުގައި ކުރިން ވެސް ނަރުދޫއަށް އުދައިގެ އަސަރު ކުރި ނަމަވެސް، މިފަހަރު އުދަ އަރަމުންދަނީ އޭގެ ދެ ގުނައަށް ކަމަށެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ރަށުގެ އިރުމަތީ ފަރާތުގައި އަލަށް ތަރައްޤީކުރަމުންދާ ބަނދަރުގެ ބޭރު ތޮށި އަދި ނުލެވި އޮތުން ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ، ގޭގޭގެ ގޯތިތެރެއާއި ބަދިގެތަކަށް ފެން ވަދެ، ރައްޔިތުންނަށް އެކި ވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާއިބެހޭ ގައުމީ އިދާރާއިން އަންނަނީ މޫސުމަށް ރައްކާތެރިވުމަށް އާންމުންނަށް ގޮވާލައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެކި އެލާޓްތައް ނެރެމުންނެވެ.



