މޫސުން ގޯސްވުމުގެ ސަބަބުން ހަ ރަށެއްގައި އުދަ އަރައި ފެން ބޮޑުވެ، ސިފައިން ހަރަކާތްތެރިވާން ފަށައިފި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފިއެވެ.
އެމްޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އުދަ އެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ށ. ނަރުދޫ އަށެވެ. އަދި ފ. ނިލަންދޫ، ފ. މަގޫދޫ، ދ. ކުޑަހުވަދޫ އަދި ދ. މީދޫގައިވެސް ފެން ބޮޑުވެފައިވާ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މިހާތަނަށް އެއްވެސް ރަށެއްގައި ބޯހިޔާވަހިކަން ގެއްލިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހިފައި ނުވާކަން އެމްޑީއެމްއޭ އިން ފާހަގަކުރިއެވެ.

ށ. ނަރުދޫގެ ހާލަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން، އެ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުޝިދު ވިދާޅުވީ، އިއްޔެ ރޭ ދިޔަވަރު މަތިވި ވަގުތު ރަށަށް ވަރަށް ބޮޑަށް އުދަ އެރި ކަމަށެވެ. މި ހާދިސާގައި ރާދިސާގައި ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެ، ގާތްގަނޑަކަށް 12 ގެއަކަށް ފެން ވަދެފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މި ހާލަތާ ގުޅިގެން، ސިފައިންގެ ޓީމެއް މިހާރު ދަނީ ނަރުދޫގައި ހަރަކާތްތެރިވެ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުން ގޯސްވުމާ ގުޅިގެން ދިމާވެފައިވާ މި ހާލަތުގައި، ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުން ލިބުނު ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ރައްޔިތުންނަށް ވެސް ސަލާމަތްތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.



