ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އިއްޔެ ރޭ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ މަރުޙޫމާގެ ޢާއިލާއަށް އެމަނިކުފާނުގެ އަމިއްލަ ނަމުގައި އަދި ސަރުކާރުގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުޙޫމާ ޙުސްނާ މޫސާއަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ލިބިވަޑައިގަތުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.
ނައިބު ރައީސް ލަޠީފް އެމަނިކުފާނުގެ މެސެޖުގައި މި ހިތާމަވެރި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކުކަމަށް ހާމަކޮށް އެމަނިކުފާނު ވަނީ މަރުޙޫމާގެ އާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
މަރުޙޫމާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހުކުރު ނަމާދަށް ފަހުއެވެ.




