މާލެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން މަގުމަތީގައި ފެންބޮޑުވެފައިވާތީވެ، މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުނި ނަގަން އަންނަ މުވައްޒަފުންނަށް ފަސޭހައިން ކުނި ނެގޭނެ ގޮތަށް ގޭގޭގައި ބެހެއްޓުމަށާއި، އެއްވެސް ހާލެއްގައި މަގުމައްޗަށް ކުނި ނުނެރުމަށެވެ. އަދި ކުނި ނުގެންދެވި ހުރި ނަމަވެސް، މަގުމައްޗަށް ނެރުމުގެ ބަދަލުގައި ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅައިގެން އެކަން ހައްލުކުރުމަށް އެދިފައިވެއެވެ.
މީގެ އިތުރުން، ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ހޯދާއިރު، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެމްކޯ މުވައްޒަފުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު މެންދުރުފަހުން ފެށިގެން ވެހެމުންދާ ބޯ ވާރޭގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެފައިވާކަން ފާހަގަކުރެވެއެވެ. މި ހާލަތާ ގުޅިގެން ސަލާމަތީ ބާރުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ފެންވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
މޫސުމާބެހޭ އިދާރާއިން މިރޭ 11 ގެ ނިޔަލަށް ބ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައިވާއިރު، މި ސަރަހައްދުގެ ރަށްރަށުގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.




