ކުރިއަށް އޮތް ދެ ދުވަސްތެރޭ ރާއްޖޭގެ މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.
ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ގިނަ ގެއްލުންތަކެއް ފާއިތުވީ ދެ ދުވަހު ވަނީ ވެފައެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އިއްޔެ ކުރި ވިއްސާރައިގައި ރާއްޖޭގެ ވެރި ރަށް މާލެއަށް ކަމަށް ވެސް ރިކޯޑު ކުރެވިފައިވެއެވެ.
މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި މޫސުން މަޑުމަޑުން ރަނގަޅު ވާން ފަށާނެ ކަމަށާއި އެހާތަނަށް ކަނޑުތައް މަޑުވާން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ. ރާޅުގެ އުސްމިން 6-4 ފޫޓަށް ހުންނާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.



