މުޅި ރާއްޖެއަށް އިއްޔެ ކުރި ގަދަ ވިއްސާރައިގެ ސަބަބުން މާލެއިން ގެއްލުންވި 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އިއްޔެ ކުރި ގަދަ ވިއްސާރައިގެ ސަބަބުން މާލޭގެ ގިނަ އިމާރާތްތަކަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެމްއެންޑީއެފް އިން ބުނިގޮތުގައި އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން މިއަދު ހެނދުނު 8:30 އާ ހަމައަށް މާލެއިން 30،569 ޓަނުގެ ފެން ހިންދާފައިވެއެވެ.
ވިއްސާރައިގެ ސަބަބުން ގެއްލުންވެގެން އެހީއަށް އެދި 774 ތަނަކުން ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ ވެލި ބަސްތާ ޖެހުމަށް އެދި ހުށަހަޅާފައިވާ 554 ރިޕޯޓަކާއި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ހުށަހެޅި 53 ގެއަކާއި އާންމު ދިރިއުޅުމަށް ހުރަސް އެޅިގެން ހުށަހަޅާފައިވާ 36 ގެއެކެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ހުށަހެޅި ގެތަކަށް ފުލުހުންނާއި ރެޑް ކްރެސެންޓާ ގުޅިގެން ރެޕިޑް އެސެސްމެންޓު ހެދިއެވެ. އަދި އާންމު ދިރިއުޅުމަށް ހުރަސް އެޅިގެން ހުށަހަޅާފައިވާ ގެތަކުގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.
އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން ގެއްލުންވެގެން މާލޭގެ އިތުރުން ރަށްރަށުން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. އެގޮތުން:
- މޫސުން ގޯސްވެ، އުދައަރައިގެން ރ. އިނގުރައިދޫ އާއި ށ. މަރޮށިން ރިޕޯޓުކޮށްފައިވޭ
- ފ. ނިލަންދޫގެ %80ގައި ފެންބޮޑުވެގެން ރިޕޯޓުކުރި
- ދ. ކުޑަހުވަދޫ އާއި ދ. މީދޫން 10 ވަރަކަށް ގެއަށް ފެންވަދެ ގެއްލުންވި ކަމަށް ރިޕޯޓުކުރި
- ފ. މަގޫދޫގެ ނުވަ ގެއަކަށް ގެއްލުންވެ، އެއް ގެއިން މީހުން ހުސްކުރަން ޖެހުނު
- އދ. މާމިގިލީގެ ހަތަރު ގެއަކަށް ބޮޑެތި ގެއްލުންވެގެން ރިޕޯޓުކުރި
- ކ. ގުރައިދޫގެ 60 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން ވެސް ރިޕޯޓުކުރި
- ފ. ފީއަލީގައި ފެންބޮޑުވެ، އެއްގެއިން މީހުން ހުސްކުރަން ޖެހުނު، އަދި
- ކ. ހިންމަފުށީ %60 ގެތަކުގައި ފެންބޮޑުވެގެން ވެސް ރިޕޯޓުކޮށްފައިވެއެވެ.



