ދުނިޔެ ހޫނުވަމުން ދާނަމަ މޫސުން ގޯސްވެގެން އިއްޔެގެ މަންޒަރު ތަކުރާރުވެދާނެ ކަމަށް ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ ވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ މޫސުން ގޯސްވެ، އެކިކަންކޮޅުތަކުގައި ފެންބޮޑުވެގެން ހިނގި ހާދިސާއަށް އިޝާރާތް ކުރައްވާފައެވެ.
މޫސުން ގޯސްވެގެން، މަގުތަކުގައި ފެންބޮޑުވެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލެއަށެވެ. އެގޮތުން މާލޭގެ މަގުތަކުން އިއްޔެ މެންދުރު 11:30 އިން ފެށިގެން މިއަދު ހެނދުނު 8:30 އާ ހަމައަށް 30،569 ޓަނުގެ ފެންހިންދި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ދުނިޔެ ހޫނުވަމުން ދާނަމަ މި ފަދަ މަންޒަރުތައް ތަކުރާރުވެދާނެ ކަމަށާއި ރާއްޖޭގެ ބައިވެރިވުމެއް ނެތި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަގު ރާއްޖެއިން އަދާކުރަން ޖެހިފައިވާ ކަމަށެވެ.
އިއްޔެ މުޅި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވިއިރު އެކަމުގެ ސަބަބުން ޖުމުލަ 36 ގެއަކުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާނާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.




