ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓަރ ޣައްސާން އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.
މިއީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރ ޣައްސާން އެ ޤައުމަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
އަންނަ އަންގާރަ ފުވަހު މިނިސްޓަރ ޣައްސާން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާއިރު، ދާދި ފަހުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް ވެސް ވަނީ އެޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިދަތުރުފުޅުގައި އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން މި ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ދެ މިނިސްޓަރުންގެ ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވެސް އަންނަ މަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



