ގިނަ އަދަދެއްގެ ބަނގުރާފުޅިއާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިޢުކުރި ޚަބަރެއްގައި ވިދާޅުވެފައިވަނީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކުރި ކަމަށެވެ.
އެގޮތުން ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22އ) އެވެ.
މި އޮޕަރޭޝަނުގައި އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، އެކި ބްރޭނޑްތައް ހިމެނޭހެން ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އަދި މިމައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރު ޓޯވކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



