އާސަންދަ މެދުވެރިކޮށް ބޭސް ލިބުން ދަތިވާނަމަ އެކަން ރިޕޯޓުކުރަން މިއަދު އެދިއްޖެއެވެ.
އެ ކުންފުނިން މީސް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އާސަންދަ ސްކީމުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަންޖެހޭ ނަމަ ނުވަތަ ބޭހެއް ނުލިބިއްޖެ ނަމަ އާސަންދައުގެ ހޮޓްލައިން ނަންބަރު 7951400 އަށް އެ ޝަކުވާ ވައިބާ ކުރަން އެދޭ ކަމަށެވެ.
އެގޮތަށް ޝަކުވާ ހުށަހަޅާއިރު، ބޭސް ފިހާރައިގެ ނަމާއި ބޭސް ސިޓީ އަދި ބޭހުގެ ރަސީދު ފޮނުވަން ވެސް އާސަންދަ ކުންފުނިން އެދިފައިވެއެވެ.
އާސަންދައިން ބޭހަށް ދޫކުރާ އަގު ކުޑަކުރުމާ އެކު ބައެއް ބޭސްތައް ދޫކުރުން ހުއްޓުނެވެ. އަދި، ބައެއް ބޭސްތައް އާސަންދައިގެ ތެރެއިން ނުލިބޭކަމުގެ ކަންބޮޑުވުން ބޮޑުވިއެވެ.
އާސަންދައިން އެންމެ ބޮޑު ޚަރަދެއް ކޮންމެ އަހަރަކުވެސް ކުރަން ޖެހިފައިވަނީ ބޭހަށެވެ. އަދި އާސަންދައަށް ކޮންމެ އަހަރަކު ވެސް މަޖިލިހުން ފާސްކުރާ ބަޖެޓަށްވުރެ ޚަރަދު ބޮޑުވުމުގެ ސަބަބުން، އެ ނިޒާމު ވަނީ ދައުތަށް ބޮޑު ބުރައަކަށް ވެފައެވެ.
އެހެންކަމުން އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައެވެ.


