އިންޑިއާގެ ސްޓޭޓެއްގައި ހިނގަމުންދިޔަ ކޮރަޕްޝަންގެ މައްސަލަތައް ހާމަކުރި ނޫސްވެރިއަކު، ރަހުމުކުޑަ ގޮތަކަށް މަރާލައި، ޖަންކްޝަނެއްގެ ތެރެއަށް އޭނާގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ.
މުކޭޝް ޗަންދްރަކާރް ނަމަކަށް ކިޔާ އުމުރުން 32 އަހަރުގެ އެ ނޫސްވެރިޔާގެ ހަށިގަނޑު ފެނުނީ ޗަޓިސްގަރް ސްޓޭޓުގެ ބީޖާޕޫރް އަވަށުގެ ޖަންކްޝަނެއްގެ ތެރެއިންނެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މުކޭޝް ގެއްލިފައިވަނީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އޭނާގެ އެއްވެސް ޚަބަރެއްނުވެ ގިނަ ވަގުތުވާން ފެށުމުން އޭގެ އަނެއް ދުވަހު އާއިލާއިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ.
މުކޭޝްގެ ހަށިގަނޑު ފެނިފައިވަނީ ފުލުހުން އޭނާގެ ފޯނު ޓްރެކް ކޮށްގެން ކުރި މަސައްކަތުން، މަސައްކަތު ސައިޓެއްގައި ހުރި ޖަންކްޝަނެއްގެ ތެރެއިން މިދިޔަ ހުކުރު ދުވަހުއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މުކޭޝްގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން ދެ މީހަކީ އޭނާއާ އާއިލީ ގުޅުން އޮންނަ ދެމީހުންކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ފުލުހުން ބުނީ މުކޭޝް ހޯދުމުގެ މަސައްކަތުގައި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެ ސައިޓަށް އެންމެ ފުރަތަމަ ދިޔައިރު އޭނާގެ ހަށިގަނޑު ފެނިފައިވާ ނުވާ ކަމަށެވެ. ނަމަވެސް މި މަހުގެ 3 ވަނަ ދުވަހު އަލުން އެ ސަރަހައްދަށް ގޮސް ރަނގަޅަށް ބެލިބެލުމުން، އެތަނުގައި އަލަށް ހަދާފައިހުރި ޖަންކްޝަނެއްގެ ތެރެއިން މުކޭޝްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މުކޭޝްގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ ޒަހަމްތައް ހުރިކަން ފާހަގަވެފައިވާ ކަމަށާއި ބޮޑަށް ބެލެވެނީ ދަގަނޑުގަނޑަކުން އޭނާއަށް ހަމަލާ ދީފައިވާ ކަމަށެވެ.
މުކޭޝްގެ މަރާ ގުޅިގެން އަވަސް އަދި ފުރިހަމަ ތަހުގީގެއް ހަދައި، މިކަމުގައި ބައިވެރިވެފައިވާ އެންމެންނަށް ހައްޤު އަދަބު ދިނުމަށް ގޮވާލައި އިންޑިއާގެ ނޫސްވެރިން ދަނީ އަޑުއުފުލަމުންނެވެ.
މިނިވަން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި މުކޭޝް ދާދި ފަހުން ވަނީ، ކޮންސްޓްރަކްޝަން މަސައްކަތްތައް ދިނުމުގައި ހިންގާ ކޮރަޕްޝަންތަކާ ގުޅޭގޮތުން ރިޕޯޓެއް ގެނެސްދީފައެވެ.



