މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ މުވައްޒަފުންތަކެއްގެ ބޭންކް އެކައުންޓުތަކުގައި 400 މިލިއަން ރުފިޔާގެ މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަޙްޤީޤުކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޚިޔާނާތުގެ މައްސަލައިގައި ކަސްޓަމްސްގެ 20 އޮފިސަރެއް ހިމެނެއެވެ. މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާއިރު، މިހާތަނަށް ފުލުހުންގެ ތަޙްޤީޤު އަމާޒުވެފައިވަނީ ތިން ނުވަތަ ހަތަރު އޮފިސަރެއްގެ މައްޗަށެވެ.
މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި، ކޮމިޓީން ސިއްރު ބައްދަލުވުންތަކެއް ބާއްވައި، ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލުކޮށްފައިވާ ކަމަށްވެސް ބުނެވެއެވެ.
ފުލުހުން ވިދާޅުވީ ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކެއްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ހުސްވި އޯގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ކަސްޓަމްސް ސަރވިސްގެ ފަރާތުން އަދި ވަކި އެެއްޗެއް ބުނެފައެއް ނުވެއެވެ.



