ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަަށް މަރުވާން މަސައްކަތް ކުރުމުން ލިބުނު އަނިޔާއަށް ފަރުވާ ކުރަމުން ދަނިކޮށް މަރުވި ށ. މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރު (32އ.) ގެ މަރުގެ މައްސަލައިގައި، ދެ ފުލުހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެއެވެ.
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި އޭނާ ރަހީނު ކޮށްގެން ގެންދިޔަ މައްސަލައެއްގައި އަތުހަރު ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގައެވެ.
އެ މައްސަލައިގައި ދޫނިދޫގައި ބަންދުގައި ކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހާލު ދެރަވެ، ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އަތުހަރުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އަދި ހަށިގަނޑު އަނބުރާ ގެނެސް ވަޅުލާފައި ވަނީ އެ މަހުގެ 8 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތުހަރުގެ މަރާ ގުޅޭ ގޮތުން ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށް މަރުވާން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް އޮޓޮޕްސީން ދައްކާ ކަމުގަ އެވެ.
ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް އަތުހަރު ގެންގޮސް މަރުވުމާ ހަމައަށް އެ އިދާރާއިން އަމަލުކޮށްފައިވާ ގޮތް ބެލުމަށް އެޗްއާރުސީއެމުން ވަނީ ތަހުގީގެއް ކުރިއަށް ގެންގޮސްފަ އެވެ.
އެޗްއާރްސީއެމްގެ ސީނިއާ މީޑިއާ އޮފިޝަލު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަތުހަރުގެ މަރުގެ މައްސަލައިގައި ޝާމިލުވާ ދެ އޮފިސަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.




