މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެެނެސްފި އެވެ.
މި އެއާކްރާފްޓް ސިބްގަޕޫރުން ރާއްޖެ ގެނައި އިރު، އެ އުޅަނދު ދުއްވަން ތިބީ މުޅިންވެސް ދިވެހި ޕައިލެޓުންނެވެ. އެއީ ކެޕްޓަން މައުމޫންއާއި ކެޕްޓަން ހުނެއިން އެވެ.
އެ ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. އޭނާ މިވަގުތު މަސައްކަތް ކުރަނީ ޤަތަރު އެއާލައިންގަ އެވެ.
މީގެއިތުރުން އެ ބޯޓުގެ އިންޖިނިއަރަކަށާއި ކްރޫއިންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ ދިވެހިންނެވެ.
މޯލްޑިވިއަންގެ ފަރާތުން ގެންނަ އެންމެ ފުރަތަމަ ބޮޑު މަތިންދާބޯޓު މިއަދު ރާއްޖެ ގެނައުމުގެ ކުރިން، އެ ކުންފުނީގެ ފަރާތުން ވަނީ އެއާޝޯއެއް ވެސް ދައްކާލައިފައެވެ. އެ ހަރަކާތުގައި އެއާބަސް އޭ330 ބޯޓާއި މޯލްޑިވިއަންގެ އޭޓީއާރް ހަތަރު ބޯޓާ އެކު މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ދަތުރުކޮށްފައިވެ އެވެ.
މިއަދު މާލެ ގެނައި އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެ ބޯޓުން ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. އެއީ ދިގު ދަތުރުތައް ކުރުމުގެ ގާބިލް ހުރި ބޯޓަކަށްވުމުން އޭގައި ޓްރާންސިޓު ނުކޮށް، ދުރު މަންޒިލްތަކަށް ދަތުރު ކުރެވޭނެ އެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.
މޯލްޑިވިއަންގއ އެއާބަސް އޭ 330 ބޯޓުން ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ކުރެވޭނެއެވެ. އެއީ ބެއިންޖިން އާއި ޝެންހާއީ އާއި ޗެންގްޑޫ އެވެ.




