މި ސަރުކާރުން ޤައުމީ އެއާލައިނަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޤައުމީ އެއާލައިނަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވިއަންއަށް ކުރިއެރުން ނުލިބި އޮތީ ކުރީގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށްވުމުން ދުރު މަންޒިލްތަކަށް ޤައުމީ އެއާލައިން މެދުވެރިކޮށް ދަތުރުތައް ކުރެވިދާނެއެވެ. ނަމަވެސް، މިހާތަނަށް އައިރުވެސް ދުރު ރާސްތާތަކަށް ދަތުރުތައް ފެށިފައިނުވަނީ މީގެ ކުރީ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމީ އެއާލައިން ތަރައްޤީކޮށް، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ދަރަނިތައް ޚަލާސްކޮށް، ފައިދާވާ ކުންފުންޏަކަށް އައިލެންޑް އޭވިއޭޝަން ހައްދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ ޤައުމީ ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސް، އެއާލައިނުން ދުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ރައީސްގެ ވަޢުދެއްގެ އިތުރުން ދާއިރާގައި ހިމެނޭ އެތައް ބައެ އެތައް ބައެއްގެ އުންމީދެއް ކަމަށެވެ. އަދި މޯލްޑިވިއަނަށް އިތުރުކުރެވިގެންދާ ވައިޑް ބޮޑީ އެއާކްރާފްޓާއެކު ފަތުރުވެރިންގެ އަންނަ އަދަދު އިތުރުވެ، ސީޕްލޭން އޮޕަރޭޝަންތަކާއި އެތެރޭގެ އުދުހުންތައްވެސް އިތުރުވެ، އިޤްތިޞާދީގޮތުން ފައިދާތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނި ޤާއިމްކުރެވިގެންދިޔައީ 2000 ވަނަ އަހަރުއެވެ. އަލަށް ގެނެވުނު ވައިޑް ބޮޑީ އެއާކްރާފްޓާއެކު އެ އެއާލައިންގައި މިހާރު 25 މަތިންދާބޯޓު އޮންނާނެއެވެ.




