ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ އަނބިކަނބަލުން އައިމިނަތު ނާޒްލީ (ނާޒް) އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ނާޒްލީ އަވަހާރަވީ ބޮޑު އޮޕަރޭޝަނަކަށް ފަހު ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ނާޒްލީއަކީ ނެޝަނަލް ތެލެސީމިއާ ސެންޓަރުގައި ނަރުހެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާ، ތެލެސިމިއާ އާއިލާގެ ލޯބި ވަރަށް ބޮޑަށް ހޯއްދެވި ކަނބަލެއްގެ އިތުރުން އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ.
މީގެއިތުރުން ކެއްކުމުގެ ހުނަރަކީވެސް ނާޒްލީއަށް ލިބިފައިވި ވަރަށް ޚާއްސަ ހުނަރެކެވެ. އެގޮތުން ”މަލާފަތް“ މިނަމުގައި ކައްކާ ފޮތެއް ލިޔެ، ނާޒްލީ އަމިއްލަފުޅަށް ނެރެފައި ވެއެވެ. މިއީ ދިވެހި އަދަބިއްޔާތަށް ނާޒްލީ ކޮށްދެއްވާފައިވާ ވަރަށް އަގުހުރި ޚިދުމަތެކެވެ.
ގިނަ މީހުން ނާޒްލީ ފާހަގަ ކޮށްފައިވަނީ، މީހުންނާއި ގުޅޭ ވަރަށްވެސް ހިތްހެޔޮ އޯގާތެރި ބޭކަނބަލެއްގެ ގޮތުގައެވެ.
ނާޒްލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މާދަމާގެ ޢަޞްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އަދި މޫނުދެއްކުން އޮތީ މާދަމާ ހެނދުނު 9:00 އިން ފެށިގެން އާސަހަރާގައެވެ.
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
މާތް ﷲ ސުބްޙާނަހޫވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުމުގައި އަބަދުމެ ނާޒްލީ ލައްވާށި! އާމީން. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.
آمین



