މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާމެދު ބައެއް ޝަކުވާތައް ހުރިކަމަށްބުނެ، މާފުށީ ޖަލުގެ ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
”ސައުވީސް“ އަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައިވަނީ މާފުށީ ޖަލުގެ ޔުނިޓް 2 އަދި 4 ގެ ގައިދީންތަކެކެވެ. އެމީހުން އެކަން ފަށާފައިވަނީ ރޭގެ ވަގުތެއްގައިކަން ވެސް އެނގިފައިވެއެވެ.
”ސައުވީސް“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައިވަނީ، އެމީހުން ޔާޑަށް ނިކުތުން ހުއްޓުވާފައިވާ ކަމަށް ބުނެއެވެ. މީގެއިތުރުން ކޮރިޑޯ ވެސް މީގެފަހުން ނުލިބޭނެ ކަމަށް ގައިދީންގާތު ބުނުމާއި ކާންދޭ ގަޑީގައި ގައިދީން ނެރެން މިހާރު އީއެސްޖީން އަންނާތީވެސް ގައިދީންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގައިދީން ބަނޑުހައިހޫނު ކަމުގައި ތިބެ ނުކަނީ ހަމައެކަނި ކަރެކްޝަންސްއިން ފޯރުކޮށްދޭ ކާބޯތަކެތި ކަމަށާއި ނަމަވެސް އެތަނުގެ ފިހާރައިން އެއްޗެހި ގަނެގެން ކައިބޮއެ ހަދާ ކަމަށެވެ.



