ގ. އުފުރިޔާ ގޭގައި ރޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެގެއިން އުމުރުން ދުވަސްވީ މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ ރޭ 11:23 ހާއިރުއެވެ. އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައިވަނީ 00:10 ހާއިރެވެ. އަލިފާން ރޯވެފައިވަނީ އެގޭގެ ހަވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ ރޯވި އެޕާޓްމެންޓްގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށެވެ. އަދި އެ އިމާރާތުގެ ހުރިހާ ފަންގިފިލާއަކުން މީހުން ހުސްކޮށް އިމާރާތް އެއްކޮށް އިވެކުއޭޓް ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާލުވިއެވެ. އަލިފާން ރޯވެފައި ވަނީ ހަވަނަ ފަންގިފިލާގެ އެޕާޓްމެންޓް ބީގައެވެ. އަދި އެ އަލިފާން އިތުރު އެހެން ދިމާލަކަށް ފެތުރިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.



