ގދ. ނަޑެއްލާގައި އައު މިސްކިތެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުވަދޫ އަތޮޅު ދެކުނުބުރިއަށާއި އުތުރުބުރިއަށް މިއަދު ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ނަޑެއްލާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ ނަޑެއްލާގައި މިހާރު ހުރި މިސްކިތަކީ 20 އަހަރު ދުވަސްވީ ބައު މިސްކިތެއްކަން ފާހަގަ ކުރައްވާ، އެހެންކަމުން އެރަށަށް އައު މިސްކިތެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
”ޒަމާނީ ފެންވަރުގެ އައު މިސްކިތެއް ނަޑެއްލާއަށް ބޭނުންވޭ. 20 އަކަށް އަހަރުވީ މިހާރުހުރި މިސްކިތް ބޭނުން ކުރާތާ. މިކަމަށްވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ހައްލު ގެނެސްދޭނަން. އައު މިސްކިތެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ވާހަކަ ދަންނަވަން“ ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ނަޑެއްލާގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް މިއަދުގެ ވާހަކަފުޅުގައި ވިދާޅުވެފައެވެ. އެގޮތުން ނަޑެއްލާގެ ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށާއި އެރަށު ސިއްޙީ މަރުކަޒަށް ވެސް ބޭނުންވާ ޖާގަ އިތުރު ކޮށްދިނުމުގެ މަސައްކަތްތައް ވެސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ޒުވާނުންގެ ކުޅިވަރަށް ބޭނުންވާނެ ކަންކަން ކޮށްދެއްވާނެ ކަމަށާއި ފުޓުބޯޅަ ދަނޑުގައި ނިންމަން ހުރި ކަންކަން ވެސް ނިންމަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އޭގެއިތުރުން ނަޑެއްލާއަކީ ފުލުހުންގެ ޚިދުމަތް ނުލިބޭ ރަށެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރައްވާ، އެރަށުގައި ވެސް ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ގާއިމު ކުރައްވާނެ ކަމަށާއި އޭޓީއެމްގެ ޚިދުމަތް ވެސް ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.




