ހުވަދޫ އަތޮޅު ދެކުނުބުރިއަށާއި އުތުރުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ގދ. ނަޑެއްލާއަށް ވަޑައިގަތުމަށްފަހު މިހާރު އެމަނިކުފާނު ހުންނެވީ އެ އަތޮޅު ވާދޫ ގައެވެ.
ވާދޫއަށް ވަޑައިގަތުމުން އެރަށު ބަނދަރުންވެސް ރަށުގެ ރައްޔިތުން ވަނީ ރައީސް މުޢިއްޒުއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެގޮތުން މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ހޯނޑެއްދޫ އަށެވެ. އެއަށްފަހު ނަޑެއްލާ އަށް ވެސް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ ވާދޫ ގައެވެ.
ވާދޫއަށްފަހު ގދ. ފިޔޯރީ އަދި ރަތަފަންދޫ އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގއ. ގެ ރަށްތައް ކަމަށްވާ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫ އަށް ވެސް ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.



