ސަރުކާރުން ދިވެހި ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ މަޝްރޫޢުތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، އަންނަ ހަފްތާގެ ތެރޭގައި 500 މިލިއަން ރުފިޔާ ދޫކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ގދ. ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރަށް އެކުލަވާލެވުނު ބަޖެޓުގެ ސަބަބުން އައު ސަރުކާރުގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ދަތިތަކުގެ ސަބަބުން ގިނަ މަޝްރޫޢުތަކެއް ހުއްޓިފައިވާ ކަމަށާއި، ފެށިފައިވާ މަސައްކަތްތައްވެސް ކުރިއަށްދަނީ ވަރަށް ލަހުން ކަމަށެވެ. އަދި ކުންފުނިތަކުގެ ބަޖެޓުގެ މައްސަލަތައް ބޮޑުވެފައިވާއިރު، ކުންފުނިތަކުން މަސައްކަތް ކުރުވާފައި ދޭންޖެހޭ ފައިސާ ދިނުމަށް އެހީތެރިވުމުގެ ގޮތުން މި ފައިސާ ދޫކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މި ފައިސާގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ހިމެނެއެވެ. އަދި ފެނަކަ، އާރްޑީސީ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުން އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރުވާފައި ބޮޑެތި އަދތި އަދަދުތަކުން ފައިސާ ނުދައްކާ ހުރިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ މި ހުރިހާ ފައިސާއެއް ރަމަޟާން މަހުގެ ކުރިން ދައްކާ ނިންމުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މީގެ ތެރޭގައި ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ހިމެނޭކަމަށް ރައީސް ހާމަކުރެއްވިއެވެ. ނަމަވެސް ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މި ފައިސާގެ ތެރެއިން 6.6 ބިލިއަން ރުފިޔާ ދައްކާ ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.



