މިއަހަރަކީ ރައްޔިތުން ބޭނުންވާ ކަންކަމުގެ ނަތީޖާ ނެރެދިނުމުގެ ޢަމަލީ މަސައްކަތުގެ އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުވަދޫ އަތޮޅު ދެކުނުބުރިއާއި އުތުރުބުރީގެ ބައެއް ރަށްތަކަށް މިއަދު ހެނދުނު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ މިދަތުރުފުޅުތަކަކީ، އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ހާލަތު ގާތުން ދެނެގަތުމަށް ކުރައްވަވާ ދަތުރުފުޅުތަކެއް ކަމުގައެވެ.
އެހެންކަމުން ރައްޔިތުންނާއެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވޭތީ ވަރަށް އުފާކުރައްވާ ކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”ބޭނުމަކީ ރައްޔިތުން ބޭނުންވެލައްވާ ގޮތަށް ކަންތައްތައް ވީހާވެސް އަވަހަކަށް ތަންފީޒީ މަރުހަލާއަކަށް ގެންގޮސްދިނުން. މިއަހަރަކީ އިރާދަކުރެއްވިއްޔާ އެކަމުގެ އަހަރު. ނަތީޖާ ނެރެދިނުމުގެ ޢަމަލީ މަސައްކަތުގެ އަހަރު. މިއީ ހަގީގަތުގައި ވެސް އަޅުގަނޑު އެކަން ކުރުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ފާއިތުމިވީ ހަ ދުވަސް ތެރޭގައި ވެސް، މުހިންމު ކަންތައްތަކެއް ނިމިގެން ދިޔަކަން ރައްޔިތުންނަށް ފެންނާނެ ކަމަށާއި ވާދޫގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގައި ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ކުލަޖައްސައި ދެއްވާނެ ކަމަށެވެ.



