ގޭބިސީތަކާއި އިމާރާތްތަކުގެ ހުރިހާ ހިސާބަކަށް އެއްމިންވަރެއްގައި، އެއްބާރުމިނެއްގައި ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ލާޒިމްކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މިއިސްލާހުގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ގޭބިސީއެއްގެ ހުރިހާ ހިސާބަކަށް އެއްމިންވަރަކަށް، އެއްބާރުމިނުގައި އަދި އެއްހަލުވި މިނެއްގައި ހިދުމަތް ފޯރުކޮށްދޭންޖެހޭނެއެވެ. މީގެ ތެރޭގައި ޕްރައިވެޓް، ޕަބްލިކް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނެއެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގޭބިސީއެއްގެ އެންމެހާ ކޮޓަރިތަކަށާއި ފަހާނާތަކަށާއި އަދި އެހެނިހެން ކަންކޮޅުތަކަށް އެއްމިންވަރެއްގައި ހިދުމަތް ލިބޭކަން ކަށަވަރުކުރުމަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޒިންމާއެކެވެ. އަދި މިކަމަށް އިތުރު ފީއެއް ނެގުމަކީ މަނާކަމެކެވެ.
މި އިސްލާހާ ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ޝަރުއީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް މި އިސްލާހުގައި ހިމަނާފައިވާއިރު، މިފަދަ ހާލަތްތަކުގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ، ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދެނީ މޮނޮޕޮލީއެއްގެ ދަށުން ކަމަށްވެފައި، އަދި އިންޓަނެޓްގެ ހިދުމަތް ދޭ މައިގަނޑު ދެ ކުންފުނީގެ މެދުގައި ވެސް އެދެވޭ ވާދަވެރިކަމެއް ނެތުމުން، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ. އަދި ގޭބިސީތަކުގެ އެކި ކަންކޮޅުތަކަށް ހިދުމަތް ލިބިގަތުމުގައި ދިމާވާ ދަތިތަކާއި އިތުރު ހަރަދުތައް ކުޑަކުރުމަށް މަގުފަހިކުރުމެވެ.



