ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގދ. ރަތަފަންދޫއަށް ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ރައީސް މުޢިއްޒުގެ މިދަތުރުފުޅަކީ ހުވަދުއަތޮޅު ދެކުނުބުރިއާއި އުތުރުބުރިއަށް އިއްޔެ ހެނދުނު ފެއްޓެވި ރަސްމީ ދަތުރުފުޅެކެވެ.
އެގޮތުން އިއްޔެ އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ހޯނޑެއްދޫ އަށެވެ. އެއަށްފަހު އެ އަތޮޅު ނަޑެއްލާ އާއި، ވާދޫ އަދި ފިޔޯރީއަށް ވެސް އިއްޔެ ވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި ރަތަފަންދޫއަށްފަހު ގއ. ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫ އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.



