މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލުމާ ގުޅިގެން އެ މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހިދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން މުވައްޒަފުންނަށް އަންގައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހައުސިންގް މިނިސްޓްރީ އުވާލައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް އެ މިނިސްޓްރީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބަދަލުކުރައްވާފައެވެ.
އެ ބަދަލާއެކު ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން ތިބީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށުގަ އެވެ.
ނަމަވެސް ސީއެސްސީން އެ މުވައްޒަފުނަށް ފޮނުވި މެއިލެއްގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީގެ މަސައްކަތުގެ ތެރެއިން ފިނޭންސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ބަދަލުކޮށްފައިވާ މަސައްކަތްތައް ކުރާނެ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.
އަދި އެ މިނިސްޓްރީތަކުގެ އިދާރީ ހިންގުމަށް ގެނައި ބަދަލާ ގުޅިގެން އެ މިނިސްޓްރީތަކުގެ އިދާރީ އޮނިގަނޑު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އެއްވަނަ ނަމްބަރުގެ ދަށުން ބަދަލުކުރެވޭ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީތަކަށް ދާއިމީ ވަޒީފާ ހަމަޖެއްސޭނީ އިދާރީ އޮނިގަނޑު ރިވިއުކުރުމަށް ފަހު އެ އޮނިގަނޑުގައިވާ މަގާމުތަކުގެ އަދަދުން ކަމަށާއި އެ ހާލަތުގައި މަގާމަށް ވުރެ މުވައްޒަފުންގެ އަދަދު އިތުރުވާ ނަމަ، ވަޒީފާ ހަމަޖައްސާނެ ފަރާތް ކަނޑައަޅާނީ ދިވެހި ސިވިލް ސާވިސް ގަވައިދުގެ 225 ވަނަ މާއްދާގެ (ނ) ގެ ދަށުން މެރިޓް އުސޫލުން ކަމަށް އެ މެއިލްގައިވެ އެވެ.



