ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްވަރާތައް ބޭއްވިފައިވަނީ ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ދިފާއީ ވަޒީރު ޝްރީ ރަޖްނަތު ސިންހާއާ ބައްދަލުކުރެއްވި އިރުއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ގޮތުން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިއީ ޣައްސާން ދިފާއީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އޭގެކުރިން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.



