ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށްޓަކައި މިއަހަރު ޢަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވަނީ މިއަދު މެންދުރު ކަނޑުހުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ކަނޑުހުޅުދޫގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ފެންވަރަށް ތަރައްޤީކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށާއި، އެ މަޝްރޫޢު ނިމުމާއެކު ރޯ-ހައުސްގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.



