މިއަހަރަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދުތަކުގައި ކުލަޖެހިގެންދާނެ އަހަރެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ.
އެގޮތުން، މި ދަތުރުފުޅުގައި ފާހަގަކުރެވުނު އެއް ކަމަކީ، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ރައީސް ކުރައްވަމުންދާ އަދި ކުރެއްވުމަށް ރޭއްވެވިފައިވާ މަސައްކަތްތަކަށް މަސްވެރިންގެ ފަރާތުން ލިބެމުންދާ ތާއީދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި ރައްޔިތުން ރައީސަށް ހުށަހަޅާ ޚިޔާލުތަކަށް އެމަނިކުފާނު ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވައެވެ.
”އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރަކީ މަސްވެރި ސިނާޢަތުގެ ތަރައްޤީގެ ރައީސްގެ އެންމެ މުހިންމު ވަޢުދުފުޅުތަކުގައި ކުލަޖެހިގެންދާނެ އަހަރު،“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރައީސް މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ވަޢުދު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ތަންފީޒުކުރަން ފަށާފައެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މަސްވެރިންނަށް 1.18 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.



