ރަށްރަށުގެ އާބާދީއަށް ބަލައި، ކުނި މެނޭޖުކުރާ ސެންޓަރުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި، ގދ. ރަތަފަންދޫގައި ބޭއްވެވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ، ރަށްރަށުގައި ކުނީގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، މިކަން ހައްލުކުރުމަށް މިއަހަރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރާނީ ރަށްރަށުގެ އާބާދީއަށާއި އެކަމުގެ ބޭނުންތެރިކަމަށް ބަލައި، އެކަށީގެންވާ ޤާބިލުކަމާއެކު ކަމަށެވެ.
”އަޅުގަނޑުމެން މިރަށުގައި ޤާއިމްކޮށްދޭނީ އެރަށަކަށް ބޭނުންވާ ފެންވަރުގައި، ހުރިހާ ވަސީލަތްތަކާއި ތަކެތި ފުރިހަމަވެފައިވާ ކުނި މެނޭޖުކުރާ މަރުކަޒެއް،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ސައުދީ ފަންޑުގެ އެހީގައި އައިސްޕްލާންޓުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންނަ ހަފުތާގައި ފިނޭންސް މިނިސްޓްރީން އެފަންޑާ ބައްދަލުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިމަސައްކަތަށް ބޭނުންވާ ފައިސާ ލިބިފައިވާ ކަމަށާއި، ހަމައެކަނި ލަސްވަނީ އިދާރީ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. ”މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.




