ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކުން ކްރިޕްޓޯ ކަރެންސީ އެކްސްޗޭންޖު ކުރެވޭކަމަށް ބުނެ ފެތުރެމުންދަނީ ސައްޙަ މައުލޫމާތެއް ނޫން ކަމުގައި އެ ބޭންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލްއިން މިހެން ބުނެފައިވަނީ ޓްރޭޑް ކޮށްގެން ހޯދާ ކްރިޕްޓޯ ކަރެންސީ ބީއެމްއެލްގެ އޭޓީއެމްތަކުން އެކްސްޗޭންޖު ކުރެވޭކަމަށް ދޭހަވާގޮތަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ”އެކްސް“ ގައި ވީޑިއޯއެއް އާންމުކުރުމާ ގުޅިގެންނެވެ.
އަލްހާން އާންމުކުރި ވީޑިއޯއާ ގުޅިގެން ބައެއް ކަސްޓަމަރުން ސުވާލު ކުރަމުންދާތީ ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގެ ހިދުމަތެއް ނުދޭ ކަމަށާއި ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގެ ޚިދުމަތަކީ ބީއެމްއެލްއިން ފޯރުކޮށްދޭ ޚިދުމަތެއް ނޫން ކަމަށެވެ.
”ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑުގެ އިތުރުން އެހެނިހެން އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ކާޑުން މުއާމަލާތް ހިންގޭނެ. މިފަދަ ބައިނަލްއަގުވާމީ ކާޑުތަކުން، ކަނޑައެޅިފައިވާ ލިމިޓްތަކެއްގައި ބީއެމްއެލް އޭޓީއެމް މެދުވެރިކޮށް މުއާމަލާތް ކުރެވުނު ނަމަވެސް މި ދެންނެވި ވީޑިއޯގައި ބަޔާންކޮށްފައިވާ ގޮތަށް އެއްވެސް ކާޑެއް ބޭނުންކޮށްގެން އެކައުންޓުން 100،000 ޑޮލަރުގެ އަދަދަށްވާ ދިވެހި ފައިސާ އެއްފަހަރާ ނުނެގޭނެ“ ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ކަސްޓަމަރުންނަށާއި އާންމުންނަށް އޮޅޭ ގޮތަށް، ކްރިޕްޓޯ އެކްސްޗޭންޖް ކުރުމުގައި އެ ބޭންކުން ޝާމިލުވެ، އެކަމަށް މަގުފަހި ކޮށްދޭ ކަމަށް ދޭހަވާ ގޮތަށް ވީޑިއޯއެއް އާންމު ކޮށްފައި ވާތީ ހިތާމަ ކުރާ ކަމަށާއި އެ އަމަލު އެ ބޭންކުން ކުށްވެރިކުރާ ކަމަށެވެ.


