ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ގއ. މާމެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށަށް އެންމެ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ގއ. މާމެންދޫ ކައުންސިލް އިދާރާގައި މިރޭ ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކައުންސިލުން ރަށުގެ ނަރުދަމާގެ މައްސަލައާއި ގިރާ ސަރަހައްދުގެ ދަތިތައް ވަނީ ރައީސް އާއި ހިއްސާކުރެއްވާފައެވެ. އަދި ކައުންސިލް އިދާރާއަށް އައު އިމާރާތެއް ބޭނުންވާކަމާއި، މަގު ހެދުމާއި ޒުވާނުންގެ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ހުޅިމެންދޫ އެރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައި، އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. ހަމައެއާއިއެކު ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ހެދުމަށްވެސް ކައުންސިލުން ވަނީ ރައީސް އަރިހުގައި އެދިފައެވެ.
މިބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުން ވަނީ މާމެންދޫގެ ތަރައްޤީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރައްވާފައެވެ.



