ހޮލީވުޑް ހިންގަމުންދާ ލޮސް އެންޖަލަސްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ފަސް މީހަކު މިހާރުވެސް މަރުވެއްޖެއެވެ.
ބޭރުގެ ޚަބަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ލޮސް އެންޖަލަސްގެ މެޓްރޮޕޮލިޓަން ސަރަހައްދުގައި އިއްޔެ 18:30 ހާއިރު ހިނގި މި ހާދިސާގެ ސަބަބުން 70،000 އަށްވުރެ ގިނަ މީހުން އެމީހުން ދިރިއުޅޭތަނުން އެހެން ތަންތަނަށް މިހާރުވެސް ވަނީ ބަދަލުކޮށްފައެވެ.
ކެލިފޯނިއާ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔަރ ޕްރޮޓެކްޝަންގެ އޮފިޝަލުން މައުލުމާތު ދީފައިވާ ގޮތުގައި މި އަލިފާނުގެ ސަބަބުން 1000 އިމާރާތް މިހާރުވެސް ވަނީ ރޯވެ އަނދާފައެވެ. އަދި މި ހާދިސާގައި 26،978 އަކަފޫޓުގެ ބިން އަނދާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކެލިފޯނިއާގެ ވެބްސައިޓެއް ކަމަށްވާ ފަވަރއައުޓޭޖް.ޔޫއެސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 1.5 މިލިއަން މީހުން މިވަގުތު ތިބީ ކަރަންޓުގެ ޚިދުމަތް ލިބުމުން މަހުރޫމްވެފައެވެ. އޭގެތެރޭގައި ލޮސް އެންޖަލަސް ކައުންޓީގެ 957،700 ކަސްޓަމަރުން ވެސް ހިމެނެއެވެ.
ލޮސް އެންޖަލަސްގައި ރޯވި އަލިފާންގަނޑުގެ ސަބަބުން، އެތަނުގައި ހުންނަ ހޮލީވުޑް ހިލްސްގައި ވެސް ވަނީ ރޯވެފައެވެ. ގިނަ ސެލެބްރިޓީންގެ ގެތައް ހުންނަ އެ ސަރަހައްދުގައި ވެސް ހުޅުހިފައި، މިއަދު 20 އަކަފޫޓަށް އެތަނުގައި އަލިފާންގަނޑު ފެތުރިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މީގެއިތުރުން ހޮލީވުޑް ހިލްސްގައި ދިރިއުޅޭ މީހުން ވެސް ވީހާވެސް އަވަހަށް އެ ސަރަހައްދު ހުސްކޮށް ރައްކާތެރި ސަރަހައްދަކަށް ބަދަލުވުމަށް ލޮސް އެންޖަލަސްގެ ފަޔަރ ޑިޕާޓްމަންޓުން މިއަދު ވަނީ އަންގާފައެވެ. އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުވާ ކަމަށާއި، މިވަގުތު އެތަނުގައި ތިބުން ރަނގަޅު ނުވާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.



