”ޤާނޫނު އަސާސީގެ ދިފާޢުގައި“ ގެ ނަމުގައި އިދިކޮޅު އެމްޑީޕީން މިމަހުގެ 31 ވަނަ ދުވަހު މަގުތަކަށް މުޒާހަރާއަށް ނިކުންނަން ނިންމައިފިއެވެ.
މިފަދައިން ނިންމީ އެ ޕާޓީން ރޭގައި ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލިހުގެ ބައްދަލުވުމުގައި ފާސްކޮށްގެންނެވެ.
އެގޮތުން ސިއްރުކޮށްގެން ރޭގައި ބޭއްވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސަތުން ހުށަހެޅި އެ ހުށަހެޅުމަށް އެއްވެސް މީހަކު އިއުތިރާޒެއް ނުކުރެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީން ދުރާލާ ރާވައިގެން މަގުމަތީގައި އިހުތިޖާޖުކުރަން ބާއްވާ ފުރަތަމަ ހަރަކާތެވެ.
”ޤާނޫނު އަސާސީގެ ދިފާޢުގައި“ ގެ ނަމުގައި އެމްޑީޕީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.
އެ ޖަލްސާ ފެށުމުގެ ކުރިން، އެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުމަށް ފާސްކުރި އެވެ.




