ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް އެތެރެކުރެވޭނެ އަދި ރައްޔިތުންނަށް މުއްސަނދިކަން ލިބޭނެ ސިނާޢަތަކީ މަސްވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިދިޔަ އަންގާރަ ދުވަހު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ގއ. ދެއްވަދޫ އަށް މިއަދު ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މަސްވެރިކަމަކީ ދެއްވަދޫގެ ގިނަ ރައްޔިތުން ޝާމިލުވާ ދާއިރާއެއްކަން ފާހަގަ ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވަވާ ކަމަށާއި އެގޮތުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެއްވާފައިވާނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ކަމަށެވެ. އަދި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހަށްފަހު އެކަން މެދުކެނޑުމެއްނެތި ކުރިއަށްދާކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
”އަދި ކުރިއަށްއޮތްތަނުގައި ވެސް ދެން ހުރިކަންކަން (މަސްވެރިންގެ ޚިޔާލާއެކު އަޅުގަނޑުމެން ދާނީ ފުރިހަމަ ކުރަމުން. ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ފަށައިގަންނަން، ބޭރުގެ އެހީތެރިކަން ހޯދައިގެންނާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް މަސްވެރިން އެ ދާއިރާގައި ކުރިއަށް ދިޔުމަށް މަގުފަހިކޮށްދިނުމަށާއި އިތުރު ފަރާތްތަށްވެސް އެ އިންޑަސްޓްރީއަށް ވެއްދުމަށް ހިތްވަރު ލިބޭނެ ގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މި އިންޑަސްޓްރީ ކުރިއަރުވަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންނަށް ކުރިއެރުވޭނެ ދިވެހިންގެ ލޭ ނާރު ކަމަށެވެ.




