ބަޔަކަށް ލިބިފައިވާ ފްލެޓު އަތުލުމުގެ ވިސްނުންފުޅެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ހުވަދޫއަތޮޅުގެ ބައެއް ރަށްތަކަށް މިދިޔަ އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގއ. ދެއްވަދޫއަށް މިއަދު ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާލުވީ ބަޔަކަށް ލިބިފައި އޮތް ފްލެޓް އަތުލުމުގެ ވިސްނުންފުޅެއް ނެތް ކަމަށާ، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރަމަޟާން މަހުގެ ކުރިން އިޢުލާން ކުރެވޭނެ ކަމުގެ ބޮޑު ޔަޤީންކަމެއް އެބަ އޮތް ކަމަށެވެ.
ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ތަރައްޤީ ކުރިއެރުވުމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތަށް ކަންކަން ފަހިކޮށްދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި، މި އަހަރުގެ ބަޖެޓުގެ ތެރެއިން، އެންމެ އިސްކަމެއްދޭ ކަންކަމުގެ ތެރޭގައި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ހިމެނޭ ކަމަށެވެ.
މީގެއިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



