ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު، މިހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މިއާއިއެކު އެއިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
މޫސުމާބެހޭ އިދާރާއިން މިއަދު ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ 15:00 އާއި ހަމައަށް ހުވަދު އަތޮޅަށް އޮރެންޖު ސަމާލު ވެސް ނެރެފައެވެ.
ފާއިތުވި ހަފްތާގައި މާލޭގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ރައްޔިތުން ވީހާވެސް ބޮޑަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.



