ހުވަދުއަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު މާލެ އަށް އެނބުރި ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ހުވަދުއަތޮޅުގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވައި، އެރަށްރަށުގެ އިދާރީ ހިންގުމާ ޙަވާލުވެ ތިއްބެވި ފަރާތްތަކާ ބައްދަލުކުރައްވާފައެވެ. މި ގޮތުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ކުރިމަގާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.
އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އެކަންކަމަށް ޙައްލު ހޯދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސް ވަނީ ހިއްސާކުރައްވާފައެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫޢުތަކުގެ ތާޒާ މަޢުލޫމާތުވެސް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.
ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ރައީސް މުޢިއްޒު ވަނީ އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. މިގޮތުން، މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ބޯހިޔާވަހިކަމުގެ ދާއިމީ ޙައްލެއް ހޯދުންކަމަށް ވިދާޅުވެ، ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމުގެ ބޭނުން ހިފުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި، މި ސިނާޢަތު ހަރުދަނާކުރުމަށާއި ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން، ޤައުމުގެ އިޤްތިޞާދު ވަރުގަދަކޮށް، އިޤްތިޞާދީ ދާއިރާތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ މަޢުލޫމާތުވެސް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.



